مصدر النص: ترجمة معاني القرآن الكريم - لأبي بكر إبراهيم علي
Dhivehi | Translation of the Meanings of the Noble Quran - Bakurube (Abu Bakr Ibrahim Ali)
އަސްލު ފޮތުގެ މަސްދަރު: ކީރިތި قرآن ގެ މާނަތަކުގެ ތަރުޖަމާ | ލިޔުނީ: އަބޫބަކުރު އިބްރާހީމް ޢަލީ (ބަކުރުބެ)
(20/1/2013 މ. - 8/3/1434 ހ. - 72 އަހަރު) | އަޖްޔާދު (ދަގަނޑުތަޅާގެ) / ޅ. ހިންނަވަރު
ފޮތުގެ ޕީޑީއެފް | މުއައްލިފުގެ މައުލޫމާތު
ގްރީންޓެކް އެޕްސްގެ އަލްގުރްއާން އެޕްލިކޭޝަންގައި މި ތަރުޖަމާ މިހާރު ލިބޭނެއެވެ.
"Abu Bakr Ibrahim Ali died in 2013. Diligent efforts over the years to meet and explore with surviving relatives regarding permission to present the text have failed. The text is presented here exclusively for research and educational purposes."
تنبيه عن الرقمنة - ޑިޖިޓައިޒު ކުރުމާ ބެހޭ ނޯޓެއް
މި ތަރުޖަމާ ޑިޖިޓައިޒު ކުރުމުގެ ތެރޭގައި ކުށްތަކެއް ވަނީ ފެނިފައެވެ. ފިލިތަކެއް ނުވަތަ އަކުރުތަކެއް ރަނގަޅުނުވުން ފަދަ ސާފު ކުދި ކަންކަން ވާނީ އިތުރު ބަޔާނެއް ނެތި އިސްލާހު ކުރެވިފައެވެ. އެފަދަ އެތައް ސަތޭކަ ތަނެއް ވާނީ ރަނގަޅުކޮށްފައެވެ. އެއަށް ވުރެ ބޮޑެތި ކުށްތައް ވާނީ ގޮޅި ބްރެކެޓެއް ތެރޭގައި އިސްލާހު ކުރެވިފައެވެ. އަދިވެސް ކިޔުންތެރިންނަށް ކުށްތައް ފާހަގަވާ ވަރަކަށް އަހަރުމެން ނޯޓު ކުރަމުން ދާނަމެވެ. ދަންނާށެވެ. އެހެން ފޮތްތަކާ ޚިލާފަށް، މި ތަރުޖަމާ މިހާ މަދުން ނަމަވެސް އެޑިޓް ކުރަން ޖެހުނީ، ޑްރާފްޓު މަސައްކަތެއްގައި ހުންނަ ފަދައިން، އޭގައިވާ ލިޔުމާއި ޓައިޕު ކުރުމުގެ ކުށްތައް އިންތިހާއަށް ގިނަވުމުގެ ސަބަބުންނެވެ. އެ ގޮތުން އަހަރުމެން ރަނގަޅުކޮށްފައި ވާނީ، ލިޔުމާއި ޓައިޕު ކުރުމާއި ބަހުގައި ފެނުނު ބަވާހު (ފާޅުވެގެންވާ) ކުށްތަކާއި ވައްޓާލެވިފައިވާ ތަންތަންކޮޅު އެކަންޏެވެ. އެހެން އެއްވެސް އެއްޗެއްގައި އަތްލާފައެއް ނުވާނެއެވެ.
ދަންނާށެވެ. މީގެ ކުރިންވެސް އެކި ފަހަރުގެ މަތިން އެކި ފަރާތްތައް ވަނީ މި ތަރުޖަމާ އެޕްއަކަށް ހަދަން މަސައްކަތްކޮށްފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް، އެކި ގޮތްގޮތަށް ވަކި ބަޔެއްގެ ފަރާތުން ހުރަސްތަކަކާ ދިމާވާތީ، އަަބަދުވެސް މަސައްކަތް ހުއްޓި، ނަތީޖާއަކާ ހިސާބަށް ވާސިލުވެވޭ ގޮތެއް ނުވެއެވެ. ނަމަވެސް ﷲ ގެ ވާގިފުޅުން މިހާރު މި ވަނީ މި ތަރުޖަމާ އެޕްއަކަށް ހެދިފައެވެ. އެއާކު ބުނެލަން ޖެހޭ މުހިއްމު ވާހަކައެއް އެބަހުއްޓެވެ. އެއީ، ބަކުރުބެގެ ގުރްއާން ތަރުޖަމާއަކީ އަހަރެމެންގެ އެއްޗެއް ނުވަތަ މިލްކެއް ކަމަށް އެއްވެސް އިރަކު، އެއްވެސް ގޮތަކަށް ދައުވާއެއް ނުކުރަމެވެ. އެހެނަސް ބަކުރުބެއަށް ފަހު މި މުހިއްމު މަސައްކަތައިގެން ތެދުވެ، އެއަށް ޚިދުމަތް ކުރުމަށް، އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން އެންމެ އައުލާކަން ބޮޑު ބަޔަކު އެ ކަން ކޮށްފައި ނުވުމާއެކު، އެތަކެއް އަހަރުތަކެއް ވަންދެން މި މަސައްކަތް ނުނެރި، ތާށިކަންމަތީ އަޅާނުލެވި ދޫކޮށްލެވިފައިވާތީ، އަހަރެމެންނަށް ފެނުނީ ކުޑަނަމަވެސް ހިދުމަތެއް ކޮށްދީ، މި މަސައްކަތް ޑިޖިޓައިޒު ކުރުމަށެވެ. އަދި މި މަސައްކަތާ ހަވާލުވާން އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ ބަޔަކާއި، އެ ބަޔަކު ވަށައިގެންވާ މީހުން ގާތު މި ކަމުގައި އެހީއެއް ވެދިނުމަށް ވާނީ ވާހަކަދެކެވިފައެވެ. ނަމަވެސް އޭގައި ކުށް ހުންނާތީ، ފުރަތަމަ އެ ތަހުގީގު ކުރަން ޖެހޭ ކަމަށް ބުނެ، އިހަށް އެ ޑިޖިޓައިޒު ކުރަން ނުފެންނަ ކަމަށް އަންގާ އެ ބަޔަކު އުޒުރުވެރިވިއެވެ. އެހެންކަމުން އޭގައިވާ ކުށްތައް އިސްލާހުކޮށް މުރާޖާ ކޮށްދިނުމަށް ވެސް އަހަރުމެން ވާނީ އެދިފައެވެ. ނަމަވެސް އެ ކަމަށް އެއްވެސް ވަރަކަށް އިޖާބައެއް ލިބޭ ގޮތެއް ނުވިއެވެ. އަދި އެހެން ފަހަރަކު އެންގީ، އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން މާ އިސް ފަރާތެއްގެ ހިޔާލު ހޯދުމަށެވެ. ދެން އެ ދެންނެވި ފަރާތެއްގެ ގާތުގައި މި ތަރުޖަމާ ބަލައި ރަނގަޅު ކުރުމުގައި އެހީތެރިވެދެއްވުމަށް އެދި ދެންނެވުމުން، އެ ހިސާބުން ސުވާލު އުފައްދަން ފެށީ ފޮތުގެ ހައްގުތަކާ މެދުގައެވެ. ފޮތުގެ ހުއްދައާއި ހުއްދަ ދިން ފަރާތްތަކާ މެދުގައެވެ. އަދި ބަކުރުބެގެ ތަރުޖަމާއަށް އޯޑިއޯ ރެކޯޑިންއެއް ހަދަން އުޅުނީމާވެސް އައި ހުރަހަކީ ހަމަ އެއް ބަޔެއްގެ އެއް ހުރަހެކެވެ. އެ އޯޑިއޯއަކުން ކިހާ ފައިދާއެއް ކުރެވުނީސްތޯއެވެ. ދެންވެސް އެ ބުނާ ހުއްދައެއް ހޯދުމަށް، ފޮތުގެ ހައްގު އިން ފަރާތްތަކާ ވާހަކަދެކެވުނެވެ. އޭރު ވަރަށް ތަރުހީބު ދެއްވިއެވެ. އެޕް ދެއްކީމާވެސް ވަރަށް ކަމުދިޔައެވެ. ނުނެރި ހުންނަތާ ކިތައް އަހަރުތޯއޭވެސް ދެންނެވިއެވެ. އަދި ހުއްދަ ދިން ކަމަށް ލިޔުމެއް މި ކޮޅުން ތައްޔާރު ކުރީމާ، އެ ކޮޅުން ސޮއިކުރަންވެސް ހަމަ ތައްޔާރަށް އިން ކަމަށް އެންގެވިއެވެ. އަދި އެ ކޮޅުން އިސްވެ، އަހަރުމެން ހުރި ތަނަކަށް ވަޑައިގެން، އަހަރުމެންނާ ބައްލަދުކޮށް މި ކަން ކުރެވޭ ގޮތް ހެއްދެވުމަށް ތައްޔާރަށް އިންނެވިއެވެ. މި ހިސާބުގައި ކަންތައް ވަނިކޮށް، ހަމަ އަނެއް ދުވަހު ބައްދަލުކޮށް އެ ހުއްދައެއް ލިބޭގޮތަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، ފަހު ވަގުތުގައި އެއްކަލަ އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ މާ އިސް ބަޔަކު އެ ދޭތެރެއަށް ވަދެ، ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު ހަމަ އެއްގޮތަކަށް ވެސް އުޅެ އުޅެ ކުރިން މި ދެންނެވި ހައްގު ގެންގުޅުއްވި ބޭފުޅުންނާ ބައްދަލުވެވޭ ގޮތެއް ނުވިއެވެ. ވަރަށް ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. އަހަރެމެން އުޅުނީ އެ ޗާޕު ކުރާކަށް ނުވަތަ ވިއްކާކަށް ނޫނެވެ. ހަމައެކަނި އެޕްއަށް ލުމަށް ހުއްދަ ހޯދުމަށެވެ. އޭގެ ހައްގުތައް އޮންނާނީ ހަމަ ކުރިންވެސް އެ ހައްގުތަކުގެ ވެރި ފަރާތްތަކުގެ އަތްތަކުގައެވެ. ދެން ކޮންމެއަކަސް ހަމަ އެއް ކޯޅުމަކާއި ތާށިތަކެއްގެ ތެރެއަށް އަނެއްކާވެސް މި މަސައްކަތް އެއްލާލުމަށް ހިތް ތަން ނުދޭތީ، އަދި ފޮތަށް ހިދުމަތް ކުރުން މާ އައުލާވާތީ، އަހަރުމެންގެ ވަގުތާއި މަސައްކަތް ހޭދާ ކުރީ ބަކުރުބެގެ ފޮތް ކުރިއެރުވުމަށެވެ. ވީމާ ޚުލާސާއަކީ، ފުރަތަމަ ފޮތާ މެދު އިހުމާލުވީ އެއް ބަޔެކެވެ. އަދި ފޮތަށް ޚިދުމަތްކުރަން އުޅުނީމާ ހުއްދައާމެދު ސުވާލު އުފެއްދަންފެށީވެސް ހަމަ އެއް ބަޔެކެވެ. އަދި އެ ހުއްދައެއް ހޯދަން އުޅުނީމާވެސް ހުރަސް އެޅީ ހަމަ އެއްބަޔެކެވެ. ކޮންމެއަކަސް، އެހެން ބަޔެއްގެ ފަރާތުން މި މަސައްކަތާ މެދު އެއްވެސް ޝައުގުވެރިކަމެއް އަދި އިސްނެގުމެއް ނަގައިގެން އުޅޭތަން ނުފެންނާތީ، އަދި ކިއެއް، އެ ކަމަށް އުއްމީދުވެސް ނުކުރެވޭތީ، ދިރާސީ އަދި ތައުލީމީ ބޭނުންތަކަށް ޓަކައި ޑިޖިޓަލް ފޯމެޓްގައި މި ތަރުޖަމާ މިތާ ލިބޭނެއެވެ. އަދި ﷲ ގެ މަދަދަށް ފަހު އިޚްލާސްތެރި ކިޔުންތެރިންގެ އެހީއާއެކީ، ތަރުޖަމާގައިވާ ކުށްތައް ވީވަރަކުން މި ދަނީ އިސްލާހުކޮށް ފިލުވަމުންނެވެ. އަދި ބައިނަލް އަގްވާމީ އެޕްތަކުގައި މި ތަރުޖަމާ ހިމެނުމަށް އޭގެ ޑިވެލޮޕަރުންނާވެސް ވާނީ ވާހަކަ ދައްކާފައެވެ. އިލްމީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ ބަޔަކު، މި ތަރުޖަމާއާ މެދު އަޅާނުލެވި އުޒުރުތައް އެ ދެއްކީ، ފަހަރެއްގައި ބަކުރުބެގެ މަސައްކަތް އެއްފަރާތްކޮށްފައި، އެ ބަޔެއްގެ އަމިއްލަ ތަރުޖަމާއެއް ނެރުމުގައި މަޝްޣޫލުވެގެން އުޅޭތީ ކަމަށް ވެދާނެއެވެ. ނުވަތަ ދިހަ އަހަރުދުވަސް ވަންދެން މިހާރުވެސް މި އަގުހުރި ފޮތާމެދު އެއްވެސް ކަމެއް ނުކުރެވި ހުރީމާ، އެ ވެވުނު އިހުމާލެއްގެ އިހުސާސު ކުރެވޭތީ، ދެން އިތުރަށް އޭގައި އަތްލާން ނުކެރެނީ ކަމަށްވެސް ވެދާނެއެވެ. އަދި އަމިއްލައަށް ނުކުރެވުން ތާނގައި، އެހެން ބަޔަކު އައިސް އެ ކަން ކުރީމާ، އެ މީހުންގެ އަގު ވެއްޓި، މަންޒަރު ހަޑިވެ، ކްރެޑިޓް ގެއްލި ދާނެތީ، ދެން އޮތް ހަމައެކަނި ގޮތަކީ، އެއްވެސް ވަރަކަށް އެއްވެސް ބަޔަކު ފޮތް ނެރުނަ ނުދީ ހިފެހެއްޓުން ކަމުގައިވެސް ވެދާނެއެވެ. كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ. ދަންނަވަންތޯއެވެ. މިއީ މުބާރާތެއް ނޫނެވެ. އިލްމަކީ ހަމައެކަނި ވަކި ޖަމިއްޔާއެއް ފަތުރަން އޮތް އެއްޗެއް ނޫނެވެ. ނުގުޅި މި ރާއްޖެއަކު ނޫޅެވޭނޭ، ކާމިޔާބުވާނީ އަހަރުމެންނާ ގުޅޭ މީހުންނޭ، އަދި ނެތިފަނާވާނީ ނުވަތަ ކޮށްލާނީ ނުގުޅޭ މީހުންނޭ، އަދި ގުޅުން ބޭއްވޭނީވެސް އަހަރެމެން ބުނާ ބަޔަކާއޭ، މި ދިމާލަށް ނުދަމާތޯއެވެ. ސުވަރުގެ ވަނުން އޮތީކީ ވަކި ތިބުނާ ބަޔަކާ ގުޅިގެނެއް ނޫނެވެ. ﷲ ގެ މަގަށް ގޮވާލުމަކީ ކުޅިވަރެއް ކަމުގައި ނަހަދަމާތޯއެވެ. އެއްބަޔަކު ކަމެއް ކޮށްލާ އިރަށް، އަނެއް ބަޔަކު ހަމަ އެ ކަމެއް، އެޔަށް ވުރެ ކުރިން ނެރެވޭތޯ އެބަ ދުއްވައިގަނެއެވެ. މީހަކު މަސައްކަތެއް ކުރަންޏާ، އަބަދުވެސް އެ ކޮންޓްރޯލު ކުރަން މި ޖެހެނީ ވަކި ބަޔެކެވެ. އެހެން މީހުން ތިބެން ޖެހޭނީ ދަށުގައެވެ. އެހެން ނޫނީ ކަމަކު ނުދެއެވެ. ބުނަނީ ހުރިހާ ދިރޭތަކެތި ހަމަހަމައެވެ. ނަމަވެސް ބައެއް ދިރޭތަކެތި، އަނެއްބައި ދިރޭތަކެއްޗަށް ވުރެ ހަމަހަމައެވެ. އެންމެންވެސް ދާން މި މަޖުބޫރުވަނީ އެއް ޖާނިބަކާ ދިމާލަށެވެ. މާފިޔާ ސްޓައިލަށް ދައުވަތުގެ ކަންކަން ކުރެވިގެން ނުވާނެއެވެ. ދަންނާށެވެ. ބާކީ ދެމި އޮންނާނީ ﷲ އަށް ޓަކައިވި ކަމެކެވެ. ނަމާއި، ޖަމިއްޔާ ޖަމާއަތްތަކެއް ނޫނެވެ. ފަހަރެއްގައި، އެންމެ ބިޔަ ބޮޑު މެއިންސްޓްރީމް ގްރޫޕަށް ނުލައްވާ ބަރަކާތެއް، މަދު އަޚުންތަކެއް ނުވަތަ ވަކި ފަރުދުންތަކެއްގެ މަސައްކަތުގައި ﷲ ލައްވާފާނެއެވެ. މިއީ ފެންނާން އޮތް ހަގޭގަތެއް ނޫންހެއްޔެވެ. އެކަމު ދެން ވެސް ފެންނާނެ އަނެއް ހަގީގަތަކީ، ބައެއް މީހުން 350 ރުފިޔާއަށް އިޚްލާސްތެރިކަމުގެ އިންޓެންސިވް ވޯކްޝޮޕްތައް ނަގައިދޭތަން ކަންނޭނގެއެވެ. وَاللَّهُ المُستَعَانُ وَعَلَيهِ التُّكلَانُ. ދުއާއަކީ، އަހަރެމެންނަކީ ހެޔޮ ކަންކަމަށްވާ ތަޅުދަނޑިތަކެއް ކަމުގައި ލައްވައި، ނުބައި ކަންކަމަށްވާ ތަޅުތަކެއް ކަމުގައި ލެއްވުމެވެ. އަދި އޭގެ އިދިކޮޅަށްވާ ބަޔަކު ކަމުގައި ނުލެއްވުމެވެ. އާމީން.
ބަކުރުބެގެ ތަރުޖަމާ ޑިޖިޓައިޒު ކުރުމުގައި އެހީތެރިވި ފަރާތްތައް
އ.ޔ، އސ. އިބްރާހީމް ދީދީ، ބބ.، އަޝްފާ މ.، މޫސާ ޢަބްދުލް ޣަނީ، ނިހާން ޢަލީ، ޢަބްދު ﷲ އަޙްސަން ސަޢީދު، މުޙައްމަދު މާއިޒު މުޢާވިޔަތު، ޢަލީ ޝާފިޢީ، މުޙައްމަދު މަފާޒު އަޙްމަދު، މުޙައްމަދު ޢަބްދުއްސައްތާރު، ޢައްވާމް މުޙައްމަދު، މުޙައްމަދު ބިން މޫސާ، އާދަމް އިފްހާމް، އަޙްމަދު އަޙްސަމް، އިބްރާހީމް ޢާދިލު، މުޙައްމަދު ޙަފީޡް، ޒަހްވާން ނާޒިމް، ޚަދީޖާ، ސާމީ އިލްޔާސް، އިސްމާޢީލު ޖުމައިލު މުޙައްމަދު، އަދި އެ ނޫންވެސް އަޚުންނާއި އުޚްތުންނެވެ. — އިތުރު މައުލޫމާތު.
ﷲ އަށް ހަމްދު ކުރަމެވެ. މިއީ 4 މަސްދުވަހުން އަހަރެމެން އެކުލަވާލި ޑޭޓާބޭސެކެވެ. މި ޑޭޓާބޭސްގައި 6236 އާޔަތް ހިމެނެއެވެ. އެއިން ކޮންމެ އާޔަތަކަށް ލަފްޒީ އަދި އިޖުމާލީ ތަރުޖަމާއެއް ވެއެވެ. މި ބޮޑު މަސައްކަތުގައި ބައިވެރިވީ އަރަބި ބަހާއި ދިވެހި ބަހަށް ޝައުގުވެރިވާ ފަރާތްތަކާއި، ދީނީ ކަންކަމާއި ދައުވަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އަޚުންނާއި އުޚްތުންނާއި، ތަރުޖަމާ ކުރުމުގެ ފަންނަށް ނުހަނު ލޯބިކުރާ ފަރާތްތަކެކެވެ. އެއީ އަގީދާގެ ގޮތުން މައްސަލަ ނެތް ތަރުޖަމާތައް ލިބުން ދަތިވެފައި، ސައްހަ ތަރުޖަމާއަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އުއްމީދަކީ މި މަސައްކަތުގެ ސަބަބުން ފަސޭހަކަމާއެކީ ގުރްއާނުގެ ބަސްތަކުގެ މާނަ ބެލޭނެ ގޮތެއް ފަހިވެގެން ދިޔުމެވެ. އިރާދަ ކުރެއްވިއްޔާ މި ކަމުގެ ފައިދާ އެންމެހައި ދިވެހިންނަށް ލިބިގެން ދާނެއެވެ. ޔާ ﷲ އެވެ. އަޅަމެންގެ މި މަސައްކަތް ގަބޫލު ކުރައްވާ، މިކަމުގައި ބަރަކާތް ލައްވާށިއެވެ. އަދި އަޅަމެންގެ ހެޔޮ އަމަލުތަކުގެ ތެރޭގައި ހިމަނުއްވާށިއެވެ. އަދި މިއީ ގިޔާމަތަށް ދާންދެން ދެމިގެންދާ ސަދަގާ ޖާރިއާއެއް ކަމުގައި ލައްވާށިއެވެ. އަދި މިކަމުގައި ބައިވެރިވި އެންމެހައި އަޚުންނާއި އުޚްތުންނާއި އެ މީހުންގެ އާއިލާތަކާއި ރަހުމަތްތެރިންނަށް ފާފަ ފުއްސަވާދެއްވާ، ހައްގުގެ މަގަށް މަގުދައްކަވާ، އަދި އެ މަގުގައި ސާބިތުކަން ދެއްވާށިއެވެ. އާމީން.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
مقدمة
الحَمْدُ لِلَّهِ الَّذِى لَهُ مَا فِى السَّمواتِ وَمَا فِى الأَرْضِ وَلَهُ الحَمْدُ فِى الآخِرَةِ وَهُوَ الحَكِيمُ الخَبِير وَأَشْهَدُ أَنْ لاَ إلَهَ إلاّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ الَّذِى أَنْزَلَ الْقُرْآنَ عَلَى عَبْدِهِ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الهُدَى وَالفُرْقَان وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ الَّذِى أرْسَلَهُ اللَّهُ هادِيًا لِلثَّقَلَين صَلَّى اللَّهُ عَلَيْهِ وَسَلاَمُهُ دَائِمَينِ إلَى يَوْمِ المَعَادِ وَعَلَى آلِهِ وَأصْحَابِه وَمَنْ تَبِعَهُمْ بِإِحْسَانٍ إلَى يَوْمِ الحِسَابِ . أَمَّابَعْدُ:
ކީރިތި قرآن ގެ މާނަ އުނގެނި ދަސްކުރުމީ އަޅުގަނޑު އެންމެބޮޑަށް شَوْق ވެރިވާ ކަންތައްތަކުގެ ތެރެއިންވެސް އެންމެ شَوْق ވެރިވާ ކަންތަކެވެ. އަޅުގަނޑުގެ عُمْرُ ން އެގާރަ ބާރަ އަހަރުހައި ހިސާބުގައި އެކަމަށް ފެށިއްޖެއެވެ. އެންމެ ފުރަތަމަވެސް މިރޮނގުން އަޅުގަނޑުގެ أُسْتَاذ އަކީ فَضِيلَة الشَّيْخ حُسَين صَلاحُ الدِّين (رحمه اللّه) މަޖައްލާއާއި، އެކިއެކި ލިޔުމުގައި ލިޔުއްވާފައިވާ " قرآن ގެ ترجمة އާއި تفسير މިނަމުގައިވާ مضمون އެވެ. އޭގެފަހުގައި ދެން ފެންނަންފެށީ فضيلة الشّيخ عبد اللّه فَهمِى ދީދީ (رحمه اللّه) ގެ ترجمة ގެ ރީތި عبارة ތަކެވެ. ދެން ހަމަ އެޔާއެކުއެކުހެން الشَّيخُ الحَافِظ آدم سعيد (رحمه اللّه) ގެ ترجمة އެވެ. މި أُسْتَاذُ ންގެ ހިތްފަސޭހަ ތަރުޖަމާތަކަށްފަހު ދެން فَضِيلة الشَّيخ مُحَمَّد جَمِيل ދީދީ (رحمه اللّه) ހިންގެވި ހަވީރުގެ ކުލާހުގައި އިށީނުމުގެ فرصة އަޅުގަނޑަށް ލިބުމަކީ މިކަމަށް ލިބުނު އިތުރު ކުރިއެރުމަކާއި، އާ ހިތްވަރެކެވެ. މި أُسْتَاذُ ންގެ އަތުން އަޅުގަނޑަށް ލިބުނު ތަރުޖަމާތައް އަޅުގަނޑު ދަސްކުރީ ދަސްކުރާހިތުން، ގަޔާވެގެންނެވެ. ދެން މިޔަށްފަހު ދުވަސްތައް ވޭތިވަމުންގޮސް المَدِينَة المُنَوَّرة ގެ الجَامِعَةُ الإِسلامِيَّة ގެ كُلِّيَّة الشَّرِيعَة އެއީ އަޅުގަނޑަށް ލިބިފައިވާ ވަކިވަކި މި ترجمة ކޮޅުތައް ގުޅުވާ، އެއްކޮށްދެއްވި، بَركَاة ތެރި މަރުކަޒެވެ. އެ جَامِعَة ގައި އެގާރަ އަހަރުގެ دِرَاسَة އެއް ނިމިގެން ރާއްޖެ އައިއިރު އަމިއްލައަށް قرآن ގެ كَلِمَة ތަކުގެ މާނަތައް ދިވެހިބަހުން ލިޔުމުގެ شَوْق ވެރިކަން ގަދަވެ އެކަމަށް ފަށައިގަނެވުނީއެވެ.
އަޅުގަނޑުގެ މި ترجمة ލިޔުމުގައި އިސްވެދިޔަ ދިވެހި أُسْتَاذ ންގެ ފަރާތުން ދަސްވި ترجمة ތަކުގެ އިތުރަށް ދެން ترجمة ލިބިގަތުމަށް إختيار ކުރި مُهِمُّ ފޮތްތަކަކީ އެ فَنّ ގައި ފުނަށް ފައިބާފައިވާ އެފަންނުގެ އެދުރުންކަމުގައި މުޅިދުނިޔެއަށް مَشْهُور ބައެއް مُفَسِّر ންގެ ފޮތްފޮތެވެ. އޭގެތެރޭގައި:
(1) جَامِعُ البَيان عَن تَأْوِيل آى القُرْآن = لأبِى جَعْفَر مُحَمَّد بن جَرِير الطَّبَرى
(2) تَفْسِير القُرْآن العَظِيم = لِلحَافِظ عِمَاد الدِّين أبى الفِداء إسماعيل ابن كَثِير القُرَشِى
(3) الجامِعُ لأِحْكَامِ القُرْآن = لأبِى عَبْداللَّه مُحَمَّد بن أحْمَدُ لأنْصَارِى القُرْطُبى
(4) فَتْحُ القَدِير (بَنين فَنىء الرِّوايَة والدِّرايَة) = لِمُحَمَّدُ بن عَلِى بن مُحَمَّد الشَّوكانِى
(5) أيْسَرُ التَّفاسِير = لأبِى بَكْربن جابِر الجَزائِرِى
(6) زُبْدَةُ التَّفْسِير = د. مُحَمَّد سُلَيْمَان عَبْد اللَّه الأشْقَر
(7) النَّفْسِيْرُ المُيَسّر = نُخْبَة مِنَ العُلَمَاء
މިފޮތްތަކާއި، އަދި މިނޫންވެސް ބައެއް ފޮތް ހިމެނެއެވެ.
އަޅުގަނޑުގެ މި ترجمة ލިޔެފައިމިވަނީ މި މަތިވެރި، މާތް أُسْتَاذُ ން عَرَب ބަހުން ލިޔުއްވާފައިވާ قُرْآن ގެ މާނަތަކުގެ ދިވެހި ترجمة އެވެ. އަޅުގަނޑު އަލުން-ބަލުން ފަށައިގެން ކުރި ترجمة އެއް ނޫނެވެ. އެއީ އަޅުގަނޑަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި عِلْمُ التَّفْسِير އަށް ބަލާއިރު، އަޅުގަނޑު މިވަނީ އެހެންވާދީއެއްގައެވެ. ވެރިންއެވަނީ އެހެންވާދީއެއްގައެވެ. ނަމަވެސް އަޅުގަނޑު މިކުރި މަސައްކަތަކީ އެބޭބޭކަލުން ލިޔުއްވި މާނަތައް އަޅުގަނޑަށް އެނގިހުރި ފެންވަރަކުން ހަމައެކަނި ދިވެހިބަހަށް ترجمة ކުރީއެވެ. އެބޭކަލުންގެ މާނައެވެ. އަޅުގަނޑުގެ ދިވެހި ترجمة އެވެ. މިހެންވެ އަޅުގަނޑުގެ މިފޮތަށް ކިޔަން قصد ކުރީވެސް (ކީރިތ قرآن ގެ މާނަތަކުގެ ދިވެހި ترجمة) އެވެ. މިއެވެ.
ދެންފަހެ، މިމާނަތައް ترجمة ކުރުމުގައި އޮޅުން ނުފިލައިފާނޭކަމަށް ލަފާވާ ތަނެއްގައިވިއްޔާ، އެބޭކަލުންގެ އެ تفسير ފޮތްތައް ބަލައިގެން ކުޑަ بيان އެއް ލިޔެފައިވާނެއެވެ. ކިޔުއްވަމުންދާއިރު އެތަންތައް އެނގިލައްވާނެއެވެ. މި ترجمة ގައި އަޅުގަނޑު މަސައްކަތްކުރީ ވީހާ ކުރުކޮށް، ލުއިފަސޭހަކޮށް – އެކަމަކު މާނަޔާ ދުރަށް ނުގޮސް – ދިވެހިބަހުން ވާހަކަދައްކާ މީހުންނަށް اللّه ގެ ބަސްފުޅު ވިސްނައިދެވޭތޯއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގު އަތުވާންއޮތީ މި ބަސްފުޅުތަކުންކަމުގައި ވާތީއެވެ.
ދެން އޮތް އަނެއް ވާހަކަޔަކީ، ދިވެހިބަހުން ވާހަކަދެއްކުމުގައި ރަށްރަށާއި، އަތޮޅުއަތޮޅާއި، ތަންތާ ހުރި ބައެއްތަފާތެވެ. އެހެން އެކަން ހުރީތީ ދިވެހިބަސް ރީތިކުރުމަށްޓަކައި އެހާބޮޑަކަށް މަސައްކަތެއް ނުކުރަމެވެ. މެދުފަންތީގެމީހުނަށް ވިސްނޭފަދަވީމާ ނިމުނީކަމަށް ބެލީއެވެ.– މިސާލަކަށް: 'ތިބާ' ކިޔާ ތަނުގައި 'ކަލޭ' އަދި 'ތިޔަބައިމީހުން' ކިޔާ މާނައިގައި 'ކަލޭމެން' ކިޔުންކަހަލަ، އަދި 'ތިމަންކަލޭގެފާނު' ގެ ބަދަލުގައި 'އަހުރެން' މި كَلِمَة ބޭނުންކުރުންކަހަލަ – ކަންކަމަކަށް މާބޮޑު ފަރުވާއެއް ނުބަހައްޓަމެވެ. ބަސްފުޅު ވިސްނޭފަދަ ވެއްޖިއްޔާ ފުދުނީ ކަމުގައި ބެލީއެވެ.
ދެންފަހެ މި ترجمة އަކީ ދާދި ކުޑަ ތަރުޖަމާއެކެވެ. اللّه ގެ މިންވަރުފުޅު ނިޔާކުރާގޮތުން ދުނިޔޭގައި صِحَّة ސަލާމަތުން ލަހައްޓަވާފައި ހުރިއްޔާ މިފޮތް ފުޅާކޮށް، ތަނަވަސްކުރުމުގެ قَصْد ވަރަށްބޮޑަށް އެބައޮތެވެ. އެބަހީ މިފޮތް މިއޮތްގޮތަށް އޮވެފައި، صَحّ ސަނަދުން ސާބިތުވާ سَبَب النُّزُول ތައް އޭގެ مَحَلّ ތަކަށް އިތުރުކޮށް، އަދި نَبِى ބޭކަލުންގެ قِصَّة ތައް އާދައިގެ ވަރަކަށް بيان ކުރެވި، أحْكَام ގެ އާޔަތްތަކާމެދު ހިސާބަކަށް ވާހަކަދެކެވި، އަދި إختلاف ތަކުގެ مُهِمّ صَفْحة ތައްވެސް ބަލައިލެވޭތޯ ބަލައިލުމުގެ أُمِّيد އެބައޮތެވެ. އޭރުން ދެން އެފޮތް ތަންކޮޅެއް ބޮޑުވެފައި ބަރުވެސްވާނެއެވެ.
އަޅުގަނޑުގެ دعاء އަކީ އަޅުގަނޑުގެ މިترجمة އާދެ! ((ترجمة مَعانِى القُرْآن الكَرِيم)) (قرآنގެމާނަތަކުގެ ތަރުޖަމާ) އަކީ اللّه ބާވައިލެއްވި ކީރިތި قرآن ގެ ترجمة ދިވެހިން ވިސްނައި، فَهْم ކޮށްގަތުމުގެ އެހީތެރި މަދަދުގާރަކުކަމުގައި اللّه ލައްވައިދެއްވުމެވެ. އަދި މިކުރި عمل އަކީ اللّه ރުހިވޮޑިގަންނަވާ ލޯބިވެތި عمل އެއްކަމުގައި ލައްވައި قيامة ދުވަހުން މިއަޅާއާއި، މިއަޅާގެ މައިންބަފައިންގެ ފާފަފުއްސަވައި، ހެޔޮކަމުގެ މީޒާން ބަރުކޮށްދެއްވައި، އެއްވެސް ބިރުވެރިކަމެއްނެތި، އަދި ހިސާބު ބެއްލެވުމަކާނުލައި އެކަލާނގެ فَضْلُ ވަންތަކަމާއި އެކަލާނގެ رَحْمَة ފުޅުން ސުވަރުގެ ވައްދަވައިދެއްވުމެވެ. އޭމަތިވެރިމާތް اللّه އެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެކަން يقين އެވެ.
إنَّهُ جَوَادٌ كَرِيم – وَصَلَّى اللَّهُ وَسَلَّمَ عَلَى مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أجْمَعِين وَسَلاَمٌ عَلَى المُرْسَلِين وَالْحَمْدُ لِلَّهِ رَبِّ العالَمِين وَبِاللَّهِ التَّوفِيق
27 رَجَب 1427 هـ
21 އޯގަސްޓް 2006 މ
أبُو بكْر إبْراهِيم عَلِى
هِنَّوَرِى
أعوذ ކިޔުން
މާތްވެގެންވާ قُرْآن ކިޔަވާ ކޮންމެ މީހަކަށްވެސް ﷲ ގެ رَحْمَة ން ފައްސާލެވި އަދި لَعْنَة ލެއްވިގެންވާ شَيْطَان އާގެ ފަރާތުން ރައްކާތެރިވެ ސަލާމަތްކަން ލިބިގަތުމަށް ﷲ ގެ حَضْرَةُ ގައި ދަންނަވާ އެފަރާތުން حِمَايَة ލިބިގަތުން شَرْعُ ކުރެވިގެންވެއެވެ. އެބަހީ أَعُوذ ކިއުން سُنَّة ވެގެންވެއެވެ. اللهُ سُبْحَانَه وَتَعَالَى وَحِى ކުރެއްވިއެވެ. (فَإِذَا قَرَأْتَ القُرْآنَ فَسْتَعِذْ بِا لله مِنَ الشَّيْطَانِ الرَّجِيْم) މިހެނީ ކީރިތި قُرْآن އަކީ މީސްތަކުންނަށްވާ ތެދުމަގަކާއި އަދި ހިތްތަކުގައިވާ އެކިބާވަތުގެ ބަލިބަލީގެ شِفَاء އެކެވެ. އަދި شَيْطَان އެއީ ނުބައިކަމާ އަދި މަގުފުރެދުމުގެ ސަބަބެވެ. މިހެންވެ قُرْآن ކިޔަވާ ކޮންމެމީހަކުވެސް އެ ނުބައި شَيْطَان އާގެ ކިބައިން ރައްކާތެރިވެ ސަލާމަތްކަން ދެއްވުން އެދި ﷲ ގެ حَضْرَةُ ގައި ދަންނަވައި ދުޢާކުރުން އެދެވިގެންވެއެވެ. އެބަހީ أَعُوذ ކިޔުން ހުއްޓެވެ.
عَامُّ ކޮށް ގިނަ عِلْم ވެރީން އެއްބަސް ވެވަޑައިގަންނަވަނީ أَعُوذ އަކީ قُرْآن ގެއާޔަތެއް ނޫކަމަށެވެ. އެހެންވެ مُصْحَفُ ތައް ލިއުމުގައި أَعُوذ ވަކިން ލިޔެވިގެން ނުވަނީއެވެ.
ދެންފަހެ:
أَعُوذ بِا لله ގެ މާނައީ: އެއްކައުވަންތަ ﷲ ގެ حَضْرَةُ ން މިއަޅާ ރައްކާތެރިކަމާއި حِمَايَة ލިބިގަންނަމެވެ.
مِنَ الشَّيْطَانِ: މިއަޅާގެ رَبّ އަށް ކިޔަމަންތެރިކަން އަދާކުރުމާއި އަދި މިއަޅާގެ قُرْآن ކިޔެވުމަށް ހުރަސްއަޅާ ޖިންނިންނާއި އަދި އިންސާނުންގެ ތެރެއިންވެސް ވާ އެންމެހައި شَيْطَان ން ގެ ކިބައިން
الرَّجِيْم ގެމާނައީ: ﷲ ގެ رَحْمَة ން ފައްސައިލެވިގެންވާ ނުވަތަ ރަޖަމު ކުރެވިގެންވާނެ.